ޖިންނީންގެ އުނދަގުލުގައި އުޅެ ދުނިޔެ ދޫކުރި ޒުވާނެއް!

ޖިންނީން އިންސީންނަށް ގޯނާކުރާނެ ވާހަކައާއި ފަހު ޒަމާނުގައި އެފަދަ ކަންތައް އާންމުވެގެން ދާނެ ވާހަކަ އިލްމުވެރިންނާއި ރުގުޔާކިޔަވާ ފަރާތްތަކުން އިސްލާމްދީނުގެ މަސްދަރުތަކުގެ އަލީގައި އަންނަނީ ބުނަމުންނެވެ.  މިކަމަށް ބާރުލިބޭ އެތަކެއް ހެކި މިކުޑަކުޑަ ޤައުމުން ދަނީ ފެންނަމުންނެވެ.  ސިހުރުވެރިންގެ ނުބައި އަމަލުތަކުގެ ސަބަބުން އެހެން އިންސާނުންނަށް އޭގެ ނުރަށްކާ އިންތިހާއަށް ފޯރައެވެ.  ” وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا ” – الجن 6-  މާނައަކީ: ” އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީން އިންސީންގެ މައްޗަށް ގަދަވެ، އެމީހުނަށް ބިރުދައްކައި ހެދުމުގައި އިތުރުވިއެވެ. ” ރާއްޖޭގައި ޖިންނީންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ހަގީގަތަށް ބަލާއިރު ބޮޑަށް ފާހަނގަކުރެވިފައިވަނީ ސިހުރުގެ ސަބަބުން ޖިންނީންގެ އުނދަގުލާއި ކުރިމަތި ވުމާއި އެހެނިހެން ގޮތްގޮތުން ޖިންނި އަވަލުމެވެ. ނުވަތަ އަޅައިގަތުމެވެ. ކަމުގެ ބާވަތައް ބަލާއިރު މި ދެކަމަކީވެސް އޭގެ ނުރަށްކާ ބޮޑު އެހެންނަމަވެސް އިސްލާމްދީން ހުއްދަކުރާ ޝަރުއީ ރުގުޔާ ނުވަތަ ހުއްދަ ފަންޑިތައިން ރަނގަޅުކުރެވޭ ކަންކަމެވެ.

މި ލިޔުމަކީ ޖިންނީންގެ ފަރާތުން ދިމާވެފައިވާ ހާދިޡާތަކުގެ ވާހަކަ ހެޔޮބަސްގެ ކިޔުންތެރިންނާއި ހިއްސާކުރުމުގެ މަގުސަދުގައި ލިޔަންފަށާ ސިލްސިލާ ލިޔުމެކެވެ. މީގެ އަހަރުތަކެއް ކުރިއެވެ. އިރުއޮއްސުމާއި ދާދި ގާތްވެފައިވަނިކޮށް އަޅުގަނޑުގެ މަންމަ ގެޔައް އައިސް ރޮއިގަނެފައި (…) ދަންޖެހިފައޭ ކިޔާފައި ރޮއިގަތެވެ. ދެން މިވީގޮތް ބެލިއިރު އެއީ ހަމަ ތެދެކެވެ. ގޭ ކުރިމަތީގައި އުތުރަށްހުރި ގޭގެ ފަހަތުގައި ހުންނަ ގޭތެރޭގައި ދަންޖެހިފައިހުރީ އެ ޒުވާނާއެވެ. ހަބަރު ލިބުމާއި އެކު ލިބުނު ހައިރާންކަމާއި ހިތާމަޔާއި އެކު އަވަހަށް އެތަނަށް ދިޔައީމެވެ. ދިޔައިރު އަޅުގަނޑު ބޭބެ އާއި އަދި އެހެން ބަޔަކު  ވަނީ އެ ޒުވާނާގެ ކަރުގައިވާ ވާގަނޑު ކަނޑާލައިގެން ގެނެސް ބާއްވާފައެވެ. ދުވަހަކީ އިންތިހާއަށް ދެރަވި ދުވަހެވެ. ރަށުގައި ބޭބެއެއްގެ އެހީތެރިކަމުގައި ދިރިއުޅެމުން ދިޔަ އެ ޒުވާނާގެ އާއިލާ އިތުރަށް ނިކަމެތިވެގެން ދިޔަ ދުވަހެކެވެ.

އެ ޒުވާނާ މަރުވިގޮތުން ބައެއް މީހުން އެކަމާއި ނުރުހި މުސްލިމުންގެ ގަބުރުސްތާނުގައި ވަޅުލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ ނުރުހުން ފާޅުކުރިއެވެ.  އެކަމާއި ގުޅިގެން އަޅުގަނޑު ރާއްޖޭގެ ބޮޑެތި އިލްމްވެރިންނާއި އިސްލާމިކް މިނިސްޓްރީ އާއި ގުޅާ މުޙައްމަދުގެ ބަލި ހާލަތާއި ކަން ހިނގަމުންއައި ގޮތް ހިއްސާކުރީމެވެ.  ހުރިހާ ބޭފުޅުންގެ ބަސް އެއްގޮތެވެ. އޭގެ ތެރޭގައި ހިމެނޭ އިލްމްވެރިންނަކީ ޝައިޙް ސަމީރު، އައްޝައިޚް އަބުދުލް އަޒީޒް، މަރުހޫމް އައްޝައިޚް އަބޫބަކުރު އިބްރާހިމް  /ހިންވަރީ(رحمة الله)، އައްޝައިޚް އިބްރާހިމް ފަރީދު  އެވެ. މި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ އެއީ ކުރުފުގެ މަރެކޭ ބުނެވޭނެ އެއްވެސް ފުރުސަތެއް ނެތްކަމަށެވެ. އަދި އެއީ އަމިއްލަ ބާރުގައި ވީ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ކުޑަކަމަށެވެ. އަދި މުޙައްމަދުގެ  ޖަނާޒާގެ ކަންތައް ވީ އެންމެ ރަނގަޅަކަށް އެހެން މުސްލިމުންނެކޭ އެއްގޮތަށް ކުރިޔަށް ގެންގޮސް  ވަޅުމަށް އެދުނެވެ.

މުހައްމަދު މަރުވުވުމުގެ ކުރިން  

2006 ވަނަ އަހަރާއި ހިސާބުން ފަށައިގެންވެސް އޭނާއަކީ އަޅުގަނޑާއި ވަރަށް ގާތް ޒުވާނެކެވެ. ޅައުމުރުގައި އެކި ސަބަބުތަކާއިހުރެ އުޅެވުން ގޮތާއި މެދު ހިތާމަކޮށް އިސްލާހްވީފަހުން ބަރާބަރަށް ނަމާދުކުރެއެވެ. ކޮންމެ ހާލަތެއްގައިވެސް ނަމާދުކުރާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. މިގޮތުން އޭނަގެ އިތުރު ރަށްޓެހިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު ދަތުރުގޮސް އުޅޭއިރުގަޔާއި ދޯނިމަތީގައިވެސް ވަރަށް ފަރުވާތެރިކަމާއި އެކު ނަމާދުކުރެއެވެ. އެހެންނަމަވެސް އޭރުވެސް ބައެއް މީހުން އެ ޒުވާނާއާއި މެދު ދެކޭގޮތް ރަނގަޅު ނޫންކަން ފާހަގަކުރެވެއެވެ.

އެ ޒުވާނާއާއިއެކު އެއްތަނެއްގައި 2007 ވަނަ އަހަރު އެއްކޮށް ކަހަލަ ގޮތަކަށް އަޅުގަނޑު ހޭދަކުރީމެވެ. ނ.އިރުފުށި ހަދަމުން ދިޔައިރު ފަރުޟު ފަސް ނަމާދާއި ދީނީ ފޮތްތައް ކިޔުމަށް އޭނާ ދޭ އަހައްމިއްޔަތުކަން ފާހަގަކުރެވުނެވެ. އެންމެ ފަހުން އުޅޭ ޓެންޓް ކައިރި މިސްކިތެއް އަޅާ ރޭގަނޑުގެ ގިނަ ވަގުތު މިސްކިތުގައި ހޭދަކުރެއެވެ. އަޅުގަނޑުމެން ހަދަމުންދާ ރިސޯޓަކަށްވީތީ އޭރު އުޅެން ޖެހުނީ ރަށުގެ ބިޔަ އުނިގަސްތަކާއި ބޯކެޔޮވާ ތެރޭ ހަދާފައިވާ ޓެންޓުގައެވެ. ނިދާ ގަޑީގައި   ޓެންޓުގައި ފަނޑު އަލިކަމެއް ހުންނައިރު ޓެންޓުކައިރި ބޭރުގައި ހަދާފައިވާ ނަމާދު ކުރާ ކުޑަ މިސްކިތުގައި ދަންވަރުގެ ވަގުތުގައި އަނދިރި ކަމުގައި ނަމާދުކޮށް ކިޔަވަން އާންމުކޮށް އިނދެއެވެ.  ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނަސް އަޅުގަނޑަށް ފާހަގަކުރެވުނީ އިރެއްގައި ގޯސްކޮށް އުޅެވުނީތީ ހިތާމަކޮށް އެކަމަށް ތައުބާވެ އެޒުވާނާ  ﷲރުއްސެވުން އެދި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާކަމެވެ.

ޖިންނި ޝައިތާނުންގެ އުނދަގޫ އޭނާއަށް ކުރިމަތިވަމުން އަންނަތާ ގިނަ ދުވަސްތަކެއްވެ އެކިފަހަރުމަތިން ފަރުވާކުރެވުނެވެ. ނަމަވެސް އޭރުވެސް ހައްލެއްވަނީ ލިބޭގޮތް ނުވެފައެވެ. މިކަންކަން މިހެން ހުރުމާއި އެކު އޭނާ ދެކެ އިންތިހާއަށް ލޯބިވާ މަންމަ އުޅުނު ނިކަމެތިހާލާއި ކުރި ހިތާމަ އިހްސާސްވާ މީހަކު ކަރުނަ އަޅާ ރޯނެކަން ޔަގީނެވެ. އެއާއިލާިން ހަމަ އެކަނި އެވޭނާއި ބިރުވެރި ކަމުގައި އުޅެނީ އެ ޒުވާނާ އެއް ނޫނެވެ.  އެ އާއިލާގެ އިތުރު މީހަކަށްަ އެފަދަ އުނދަގޫތަށް ވަމުން އަންނާތީ އަޅުގަނޑު ގާތު އެދުމުން ރާއްޖޭގެ އިލްމްވެރިން ގާތުން ސުވާލުކޮށް ބެލި ބެލުމުން  ފާހަނގަކުރެވުނީ ސިހުރުގެ ވޭން އެ ޒުވާނާގެ ދައްތަވެސް ތަހައްމަލު ކުރަމުންދާ ކަމެވެ. އަދި ކޮށްކޮވެސް އޭރު ވަރަށް ބަލިވެ ފަރުވާ ކުރަމުން ދިޔައެވެ.

އަޅުގަނޑު ހަނދާންވާގޮތުން 2010 ހާ ހިސާބުގައި އެޒުވާނާ އުނދަގޫތަށް ވާން ފެށުމުން  މަންމަގެ އެދުމުގެ މަތިން އަޅުގަނޑު ޝައިޙް ފަރީދުއާއި ގުޅުވައިދިނުމުން ޝައިޙްގެ އެހީތެރިކަން އައީ ލިބެމުންނެވެ. ޝައިހް އަކީ ވަރަށް ބުރަކޮށް އުޅުއްވާ ބޭއްފުޅެއް ނަމަވެސް  އެކަމުގައި އެހީތެރިވެ ކުރިޔަށް ދާ ވީންގޮތުގެ ލަފާ އައީ ދެމުންނެވެ. އަދި ރުޤްޔާކުރުމަށް ކުރާނެ ގޮތާއި ކިޔަވަންޖެހޭ ބައިތަށް އަޅުގަނޑާއި ހަވާލުކޮށް އެގެޔަށް ދިއުމަށް އެދުނެވެ. އެހެންކަމުން ޝައިޙްގެ އެދުމުގެ މަތިން އަސުރު ނަމާދަށްފަހު  އަޅުގަނޑުމެން( ރަހުމަތްތެރި 3 ޒުވާނެއް) މުހައްމަދުއާއި ބައްދަލުކުރީމެވެ. އެހެންނަމަވެސް ކަންތައް ދިމާވީގޮތުން އެކަންކުރިޔައް ނުގެންދެވުމުން ޝައިހްއާއި ގުޅުމުން ވިދާޅުވީ އެކަންތައް ގަނޑުގައި އުޅޭއިރު ރުޤުޔާކުރަން އޭނާ ގަބޫލުނުވާނެ ކަމަށެވެ. އެހެނީ އެހާލަތުގައި އަމިއްލަ ބާރު ކުޑަވުމަކީ އޭގެ ސަބަބެކެވެ. އެ ޒުވާނާ ހާލަތު ރަނގަޅު ކަމާއި ރުޤުޔާ ކުރަން ނުޖެހޭ ކަމަށް ބުނެ އެކަމަށް އިންކާރު ކުރަމުން ދިޔައެވެ. މިގޮތަށް ވިސްނުން ހުންނަނީ ބައެއް ވަގުތު ތަކުގައެވެ. 

އެޒުވާނާގެ   ގާތަށް އެންމެ ފަހުން ދިޔަ ދުވަހާއި އެހެން ބައެއް މީހުންގެ ގާތުގައި ދަށްކާފައިވާ ވާހަކަތަކަށް ބާލާއިރުވެސް އެއީ ސިހުރެއްގެ އަސަރުކަން ޔަގީންވެއެވެ.  ނިކަމެތި އެތައް އާއިލާއެއް ވަނީ ހަސަދަވެރިން ގެ ކެހިވެރި މަޅިތަކުގައި ޖެހި ރޫޅި ހަލާކުވެފައެވެ. މައިން ބަފައިން މަރުވެ ދަރިން ނިކަމެތިވެފައެވެ. މައިންގެ ދެލޯފަދަ ލޯބިވާ އެތަކެއް ކުދިންނެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.

އެ ޒުވާނާގެ މަރަކީ އާދަޔާ ހިލާފްމަރެކޭ އަޅުގަނޑަށް ބުނެވޭ ސަބަބު

 ނިޔާވި ދުވަހަކީ ޝައިޙް ފަރީދު ގާތަށް ރުގުޔާކުރަން ދާން މާލެ ފުރަން ހަމަޖެހިފައިއޮތް ދުވަހެވެ. އޭނާ މަރުވި ވަގުތަކީ މާލެ ދިއުމަށްޓަކައި ފުރަން އޭނާގެ އާއިލާ ދިރިއުޅުނު އަސްލު ގެޔަށް މާލެ ގެންދަން ޖެހޭ ބައެއް އެއްޗެހި ބަލާ އެ ޒުވާނާގެ މަންމަ ދިޔަވަގުތެވެ.  ގާތްގަނޑަކަށް ދޯނި މާލެ ފުރަން 30 ހަކަށް މިނިޓް ވެފައި ވަނިކޮށް މަރުވެފައިވާއިރު މަރުވުމުގެ ކުރިން އޭނާ އަޅުގަނޑު ގާތު ބުނެފައިވަނީ ޝައިތާނާ އޭނާ މާލެ ދިޔަޔަ ނުދޭނެ ކަމަށެވެ.“ ޝައިހް ފަރީދު ގާތަށް ކަލެޔަކަށް ނުދެވޭނެ. ކަލޭ މަރާލާނަން“ މީ މުހައްމަދަށް ޖިންނިން ދޭ އިންޒާރެއް ކަމަށް ބުނެ އަޅުގަނޑު ގާތު ބުނި ވާހަކައެކެވެ.  މީގެ އެއްދުވަސް ފަހުން ފެނިގެން ދިޔައީ އޭނާ މަރުވި މަންޒަރެވެ.  

މާތް ﷲ މަރޫޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ.  ސިހުރުގެ ވޭނުގައި އުޅޭ އެންމެހާ ފަރާތްތައް ސިހުރުވެރިންގެ ކިބައިން ސަލާމަތް ކުރަށްވާ ރަށްކާތެރި ކުރަށްވާށި! އާމީން.

މުޙައްމަދު  ނިޔާވުމުގެ ކުރިންބުނެފައިވެއެވެ. ”އަމިއްލަ ގޭގައި އޮންނައިރު ސީލިންގެ ބެލިނަމަވެސް ފާރުތަކަށް ބެލިނަމަވެސް ފެންނަނީ، ސިފަވަނީ ޝައިތާނުންނުނެވެ.“

އަޅުގަނޑަކީ އޭރުގެ ރަށުގެ ޒިންމާދާރު މަޤާމެއްގައި ރަށުގެ އެންމެހާ ކަންކަން ހިންގާ ބަލަހައްޓަން އިސްކޮށް ހުރި އެއްފަރާތައްް ވެފައި މިފަދަ ދީނީ، އިޖްތިމާޢީ ކަންކަމުގައި ބައިވެރިވެ އުޅޭ ޒުވާނެކެވެ. އެހެންކަމުން ނިޔާވާ މީހުންގެ ކަށުަކަމާ ކެމީގެ ކަންތަކުގައި ބައިވެރި ވުމަކީ ކުރާހިތުން ކުރަމުން އައި ކަމެކެވެ. ކަފުންކުރުމާއި ވަޅުމުގެ ކަންކަމުގައި ބައިވެރިވެވެއެވެ. އަދި މަންމަޔަކީވެސް ރަށުގައި އަންހެނަކު ނިޔާވެއްޖެ ނަމަ ހިނަވާ ކަފުންކުރުުމުގައިވެސް އުޅުއްވާ ފަރާތެކެވެ. ބައްޕަ އަދި ބޭބެމެން އާންމުކޮށް ސަންދޯއް ޖެހުމާއި ވަޅުލުމުގެ ކަންކަމުގައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެއެވެ. މުޙައްމަދުގެ ކަށުކަމާއި ކެމީގެ އެންމެހާ ކަންކަމުގައި ރަށުގެ ކުދި ބޮޑުު އެންމެން ބައިވެރިވިއެވެ.

ނުނިމޭ…..

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިތަޔަކީ ހުރިހާ ގޮތަކުންވެސް ފައިދާހުރި އެއްޗެއް

Next Article

ކީރިތި ރަސޫލާގެ ހަޔާޕުޅުން ފާގަގޮށްލެވޭ މުހިންމު ތާރީޚް ތައް

Related Posts