ހަޤީޤީ ޙާދިޘާ: މަސްޖިދުއްނަބަވީއިން ލިބުނު ގެރިމެޓާ

މިދިޔަ އަހަރު ފިނިމޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ﷲގެ ހެޔޮރަޙުމަތުން ޢަޞުރު ނަމާދުގެ ކުރިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަށްކޮޅުގައިވާ އެކަލޭގެފާނުގެ އަތްޕުޅުން އެކަލޭގެފާނުގެ ޞަޙާބީންނާއި އެކު ބިނާކުރެއްވި އެކަލޭގެފާނުގެ މިސްކިތްކޮޅުކަމަށްވާ މަސްޖިދުއްނަބަވީއަށް ދެވުމުގެ ތަޢުފީޤު އަޅުގަނޑަށް ލިބުނެވެ. ވަޤުތަކީ ޢަޞުރު ނަމާދުގެ ކުރިއެވެ. ބަންގިގޮވަން އިރުގަނޑެއް ހުއްޓެވެ. (ފޮޓޯއިން އެފެންނަނީ މަސްޖިދުއްނަބަވީގެ މާތް ނަބިއްޔާ ނަމާދުކުރެއްވި މިޙުރާބުކޮޅެވެ. އަދި ދޮރުލާފައި އެހުރީ އެކަލޭގެފާނު ޚުތުބާ ދެއްވަން ހުންނަވާ މިންބަރުކޮޅު ހުރިތަނެވެ. ފޮޓޯގައި އެފެންނަނީ މިހާރާ އެއްގޮތަށް ހެދިފައިވާ މިންބަރެވެ. ފެހިދޫލަ އަޅާފައި އެވަނީ ރައުޟާއެވެ. އެއީ ޙަދީޘްގައި ބަޔާންވެގެންވާ ސުވަރުގޭގެ ބަގީޗާތެރެއިން ބަގީޗާއެއްކަމަށްވާ ބަޔާންވެފައިވާ ބިންކޮޅެވެ.) ވަދެގެންގޮސް ބާބުލްޙިޖުރަޔާއި(މަސްޖިދުއްނަބަވީިއަށް ވަންނަ ދޮރެއް) ދިމާއިން އެތެރޭގައި ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ޖައްސާލީމެވެ. މުސްޙަފުތަކުގެ ތެރެއިން މުޞްހަފެއް ނަގާ ކިޔަވަން ފެށީމެވެ.

 

މާގިނައިރުތަކެއްނުވެ މުސްކުޅި ބޭބެއަކު އައިސް ކައިރީގައި ޖައްސައިފިއެވެ.. ޢަރައްބެކެވެ. މަދީނާގެ އަހުލުވެރިޔެއްކަމަށް ލަފާކުރެވެއެވެ. އަދި މިސްކިތުގެ ދެރަކުޢަތް އަދާކޮށްފިއެވެ. ފަހެ މިދަކުޢަތަކީ ކޮންމެ މިސްކަތަކަށް ވަނަސް ކޮންމެމީހަކުވެސް އަދާކުރަން ޖެހޭ ދެރަކުޢަތެކެވެ. ބައެއް ޢިލްމުވެރިން ވާޖިބެއްކަމަށްވެސް ވިދާޅުވެއެވެ. އަދި ގަދަވެގެންވާ ސުންނަތެއްކަމަށްވެސް ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ. އެއީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިމާތް ޙަދީޘްބަސްފުޅުގެ މައްޗަށެވެ.عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الأَنْصَارِيِّ رضي الله عنه قَالَ : قَالَ رَسُولُ صلى الله عليه وسلم : إذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ . ހ
ތަރުޖަމާޢީ: އަބޫ ޤަތާދާ ބިން ރިބްޢިއްޔު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
ތިޔަބައިމީހުންގެ މިސްކިތަކަށް ވަދެއްޖެނަމަ (ތަޙިއްޔަތުގެ މަސްޖިދުގެ) ދެ ރަކުޢަތް އަދާކުރުމަށްފަހު މެނުވީ ނުއިށީންނަހުށިކަމެވެ. ބުޚާރީ އަދި މުސްލިމްއެކަލޭގެފާނު ޞައްލަﷲ އަލައިހި ވަސައްލަމަ އެވަނީ އަޅުގަނޑުމެން ތިބިތަނާ ދުއިސައްތައެއްހާ ފޫޓުގެ ދުރުގައި ފަސްދާނުވެޑުވިފައެވެ.
اللهم صل على محمد و على آل محمد كما صليت على إبراهيم و على آل إبراهيم إنك حميد مجيدދެން މިބޭބެ އަޅުގަނޑާ ދިމާޔަށް ނަޒަރު ހިންގާލިއެވެ. މުޞްޙަފެއް ބޭނުންވާކަމަށް އަތުން އިޝާރާތްކޮށްލައިފިއެވެ. އަވަސްއަވަހަށް އަތުގައި އޮތް މުޞްހަފު ދިނީމެވެ.
ބޭބެއަށްވީ ވަރަށް އުފާލިބުނު ކަމަކަށެވެ. އެއީ އެއްގޮތަކީ މުޞްހަފު ލިބުނުލެއް އަވަސްކަމެވެ. އަނެއްގޮތަކީ ހަރުގަނޑުން ނަގާ މުސްހަފެއް ދިނުމުގެ ބަދަލުގައި ބޭބެއަށް އަވަސްކުރުމުގެ ގޮތުން އަހަރެންގެ އަތުގައި އޮތް މުޞްހަފުލިބުމެވެ. ބޭބެގެ މޫނަށް ހިތްހަމަ ޖެހުން ލިބުމާއެކު ހިިނިތުންވުމެއް ދީފިއެވެ. ފަހެ މުޅި މިލިޔުމުގެ ޤަޞްދަކީވެސް އެހިނިތުންވުމުގެ ވާހަކައެވެ. އެބޭބެ ހިނިތުންވެލީ ހިތުގެ އެންމެ ފުންމިނުންނެވެ. އެބޭބެ މާގިނަ ބަސްތަކެއް ބުނާކަށް ނަހަދައެވެ. ހަމަ ދިނީ އެންމެ ހިނިތުންވުމެކެވެ.
ފަހެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ހަނދާންކުރަމާތޯއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ޙަދީޘްކުރައްވަނީއެވެ.
(…قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “ تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ)
ށ
މާނައީ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިބާގެ އަޚާގެ ކުރިމަތީގައި ތިބާވާ ހިނިތުންވުމަކީ ތިބާގެ މައްޗަށްވާ ޞަދަޤާތެކެވެ.
ފަހެ އެކަމުން އެ ޞަދަޤާތުން ލިބުނު ހިތްހަމަ ޖެހުމަކީ އެހިނިތުންވުމުގެ އިޚުލާސްތެރިކަމެވެ. އެއްވެސް ހާލެއްގައި އެބޭބެގެ އަނގައިގެ ތެރޭގައި އެއްވެސް ދަތެއްނެތުމަކުން ނޫނެވެ. އަދި ކިއެއްތަ؟ އެބޭބެގެ ހިނިތުންވުން އައިސްފައިވަނީ އެންމެފުންމިނުންކަން އެނގެނީ އެހިނިތުންވުމުގެ ސަބަބުން ލިބުނު ހިތްހަމަ ޖެހުމެވެ. އުފާވެރިކަމެވެ. މީހަކަށް ހިނިތުން ވެލުމަކަށް އެކޯފުރެސް އިސްތިހާރު ފަދަ އިސްތިހާރުތަކުގައި އުޅޭ ކަހަލަ މީހެއްގެ ދަތްޕިލައެއް އޮންނާކަށް ނުޖެހެއެވެ. އަދި އެންމެ ދަތެއް ނެތަސް ހިނިތުން ވެލެވިދާނެއެވެ. އަދި ދަތްތައް ހަޑިޔަސް ހިނިތުން ވެލެވިދާނެކަމެވެ. ނަމަވެސް ބޭނުންވަނީ އެއީ ހިތުގެ އަޑިން މާތްނަބިއްޔާގެ ބަސްފުޅުގައިވާ ފަދަ ޞަދަޤާތަކަށް ހެދުމެވެ. އޭ އަޚުންނެވެ. އުޚުތުންނެވެ. ހިނިތުންވުމުން ސަދަޤާތްކޮށްލާށެވެ. ކުޑަ ކަމަކުންވެސް ﷲ ގެ ރުހުން ލިބިދާނެއެވެ.

ދެންފަހެ އެބޭބެއަށް ލިބުނު އުފަލުގެ ސަބަބުން ”ޓުރީޓެއް“ ދިނުމަށްޓަކައި ޖީބަށް އަތްލުމަށްފަހު އެއްޗެއް ނަގާ އެއްލައިފިއެވެ. އުނގަށް ވެއްޓުނީ ކޮންއެއްޗެއްކަމެއްނޭންގެއެވެ. ނަގާފައި ބަލައިލައިފީމެވެ. ގެރި މެޓަޔެކެވެ. ގެރިމެޓާ އަދި އެނޫންވެސް މެޓާ ޤުރުއާން ކިޔަވައިދޭން ތިބޭ މީހުން ކުޑަކުދިންނަށް ބަހާ ހެދުމަކީ ޢާންމު ކަމެކެވެ. މަސްޖިދުއް ނަބަވީގައި ބައެއް ކުޑަކުދިންނަށް ކިޔަވައިދެއްވަން ތިބޭ މުސްކުޅި ބައެއް ބޭބެއިން ކޮންމެ ފިލާވަޅެއް ނިމުމުން ފިލާވަޅު ނިންމާކުދިންނަށް އާދަކޮށް މެޓާ ބަހާ ހަދާތަން ބައެއް ފަހަރު ފެނެއެވެ. މިއީ އަޅުގަނޑުމެންވެސް ކިޔަވައިދިނުމުގައި ކުޑަކުދިން ލޮއްސުމަށްޓަކައި ބޭނުންކުރެވިދާނެ އުސްލޫބެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ނުކިޔަވާން ބޮޑާ ހާކާ ކުދިންނަށް ބޭނުންކުރެވިދާނެ ގޮތެކެވެ. ކޮންމެ އަކަސް މެޓާ މިފަހަރު މިލިބުނީ އަޅުގަނޑަށެވެ. ގެރިމެޓާ ލިބުމުން އުފަލުން އެބޭބެއަށް ބަލާލާފައި އަހަރެންވެސް އެބޭބެފަދައިން އިޚުލާސްތެރިކަމާއެކު ހިނިތުން ވެލެވޭތޯ ބެލީމެވެ.
އެހިނިތުންވުމަކީ އެބޭބެގެ ހިނިތުންވުމާއި ގާތްކުރާނެ ހިނިތުންވުމެއްވެސް ނޫނެވެ. ނަމަވެސް ގެރިމެޓާ ލިބުމުން ވީ އުފަލުން ހިނިތުން ވެލީމެވެ. ކުޑައިރުގެ އެންމެ މީރު މެޓާ ނުދެކޭތާ އެތައް ޒަމާނެއްފަހުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުން ރިޒުޤު ކުރެއްވި ފަރާތަށް ހަމްދުހުއްޓެވެ. “ޔަމީ ޔަމީ“
ކޮންމެއަކަސް އެދުވަސް އަހަރެންގެ ހަޔާތުގެ މުހިންމު ދުވަހަކަށް ގެރިމެޓާގެ ސަބަބަކުން ނޫނެވެ. ނަމަވެސް އެބޭބެ ދިން އުފާދެނިވި ހިތްގައިމު ހިނިތުންވުމުންނެވެ.
އެދުވަހު ހިތަށްއެރިއެވެ. ދަތެއް ނެތަކަސް ރީތި ހިތްގައިމު ހިނިތުންވުމެއް ވެވިދާނެއެވެ. އެއީ އަހަރެންގެ ފޭވަރިޓު ހިނިތުން ވުމެވެ. އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ އުފާވެރި އެއްކަމެވެ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބޭބެގެ ފާފަ ފުއްސަވައި އެބޭބެގެ މައިންބަފައިންގެ ފާފަ ފުއްސަވައި ހުރިހާ މުސްލިމުންނަށް ހެޔޮ ރަޙުމަތް ލެއްވުމެވެ. އެބޭބެ ފަދައިން ޞަދަޤާތެއްގެގޮތުގައި ހިނިތުންވާ ބަޔެއްކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ.

و صلى الله و سلم على نبينا محمد و على آله و صحبه.

———————————
ޙަދީޘްގެ މަޞްދަރުތައް
ހ. ޞަޙީހުލް ބުޚާރީ ޙަދީޘް ނަމްބަރު 1167، ޞަހީޙުލް މުސްލިމް ޙަދީޘް ނަމްބަރު 715
ށ. ސުނަނު ތިރުމިޛީ، ޙަދީޘް ނަމްބަރު 1956، ޝެއިޚު އަލްބާނީ ރަޙިމަހުﷲ ޞައްޙަކުރައްވާފައި

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޅަފަތުގައި ދަރިންނަށް ރަގަޅު ތަރުބިޔަތު ދިނުމުގެ މުހިއްމުކަން

Next Article

މަގޭ ދަރިފުޅާ(2 ވަނަބައި)

Related Posts