ފެންބޮކީގެ ވާހަކަ

ފެންބޮކި ނުވަތަ ސައިބޯނި ބޮއްކަކީ ފެންނައިރު ވަރަށް ރީތި އެއްޗެކެވެ. ބައެއް ކުދިން ފިހާރަތަކުން ފުޅިފުޅި ގަނެގެން ވެސް ވަރަށް ރީތި ކުލަކުލައިގެ ބޮކި އަރުވާހަދައެވެ. އެކަމަކު އެ ސައިބޯނި ނުވަތަ ފެން ބޮއްކަކީ ދުނިޔޭގައިވާ އެންމެ އުމުރު ކުރު އެކައްޗެވެ. އެއީ ވަރަށް ކުޑަކުޑަ ހިނދުކޮޅަކަށް ލޮލަށް ފެންނަ ރީތި މަންޒަރެކެވެ. ކިތައްމެ އުމުރު ކުރު އެއްޗެއް ކަމުގައި ވިޔަސް އެއިން ކޮންމެ އެއްޗެއްގައިވެސް އެއިގެ އަމިއްލަވާހަކަތަކެއްވާނެއެވެ. އަހަރެމެންގެ ވަށައިގެންވާ ހުރިހާ އެއްޗިއްސަކީވެސް އެއިގައި ހިކްމަތްތަކެއް އެކުލެވިގެންވާ އެއްޗިއްސެވެ.

އެއް ސަހަރެއްގައި، ބޮޑު ޖަންގައްޔެއްގެ މެދުތެރޭގައި ބޮޑެތި ފަރުބަދަ ތަކުގައި ވޯޓަރ ފޯލްއެއް ވިއެވެ. މުޅި ޖަންގަލީގައި އެއް އަޑަކަށް ވަނީ މި ވޯޓަރފޯލް އިން ފައިބާ ފެންތަކުގެ އަޑެވެ. އެފެންތަކުން ހެދިފައިވާ ބޮޑު ފެންގަނޑުތެރޭގައި މަތިން ފައިބާ ފެންތައް ޖެހޭ ހިނދު ރީތި އެކި ވަރުވަރުގެ ފެން ބޮކިތައް އުފެދެމުން ދިޔައެވެ. ލޯމަރާލައި ލޯ ހުޅުވާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ފެންބޮކިތައް ގެއްލެމުން ދިޔައެވެ. އެހެންނަމަވެސް މި މަންޒަރަކީ ވަރަށް ހިތްގައިމު ރީތި މަންޒަރެކެވެ.

އުފެދެމުންދިޔަ ފެން ކޯރުގެ މަތީގައި އެކި މަންޒަރުތައް ދައްކަމުން ދިޔަ ތަފާތު ސައިޒް ތަކުގެ ފެންބޮކި ތަކުގެ ތެރެއިން “ ޖަންގަލީގެ ލޯ“ މި ނަމުން ނަންދެވުނު ފެންބޮއްކެތް އުފެދުނެވެ. އެއިގެ މަޤްސަދަކަށްވީ މިދުނިޔޭގައި އެންމެ ގިނަ ވަގުތު ހުރުމުގެ ޝަރަފް ހޯދުމެވެ. މިގޮތުން އުފެދިފައިވާ ބޮޑު ފެންކޯރުގައި ދަތުރުކޮށް ޖަންގަލީގެ އެއްފަރާތުން އަނެއް ފަރާތަށް ދިއުމަށް އަޒުމް ކަނޑަ އެޅިއެވެ. ޖަންގައްޔަކީ ބިޔަ ބޯ ގަސްތަކުން ފުރިފައިފައިވާ ތަނަކަށް ވުމުން މިއީ އެހާ ފަސޭހަ ކަމެއްނޫން ކަން ޚުދް އޭތި އަމިއްލައަށްވެސް ޤަބޫލް ކުރެއެވެ. ޖެހެމުންދާ ވަޔާއި އެކު ކުޑަ ކުޑަ ކުނިކޮޅެއް ގައި ޖެހުނަސް ފަޅައިގެން ގޮސްދާނެތީ އެކަމުގެ ބިރު އަބަދުވެސް ހީވެއެވެ.

ދަތުރަކީ މާދިގު ދަތުރެއް ނޫނެވެ. ވަރަށްކުރު ދަތުރެކެވެ. އެހެންނަމަވެސް ނުރައްކާތަކުން ފުރިގެންވީ ދަތުރެކެވެ. ފެންކޯރުގައި ފެން ދައުރު ކުރާ މިންވަރު އިތުރުވެ ސްޕީޑް ބަދަލްވެ މާ ބާރު މިނުގައި ދައުރުކުރަން ފައްޓައިފިނަމަވެސް ފަޅައިގެން ގޮސްދާނެއެވެ. އެ ދައުރުކުރާ ފެނަކީވެސް އަދި އެއިގެ ބާރު މިނަކީ ވެސް ވަރަށް ބައިވަރު ޙިކްމަތްތައް އެކުލެވިގެންވާ އެއްޗެކެވެ. ފެންބޮއްކަކީ އެއްވެސް ބާރެއް ލިބިގެންވާ އެއްޗެއް ނޫނެވެ. ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވާން އެއްވެސް ކަމެއް ކުރުމުގެ ބާރުވެސް ލިބިފައިނުވެއެވެ. މިހުރިހާކަމެއް މިގޮތަށް ހުރި ކަން ކަށަވަރުވާ އިރުވެސް ހިތްވަރުގަދަ ”ޖަންގަލީގެ ލޯ“ އެއިގެ ހިތްވަރު ބަލި ނުކުރެއެވެ. ނުގުޑާފަދަ ޢަޒުމެއްގައި ހުރި ޖަންގަލީގެ ލޯ ފެންކޯރުގެ ޖާދުލުގެ ތެރެއިން އެ ނަގާ ކުދި ކުދި ބާނި ތަކާއި އެކު ދަތުރު ފެއްޓިއެވެ. ވަރަށް ބިރުން ހުރެއެވެ. އެއްވެސް އެއްޗެއްގައިޖެހި ފަޅައިގެން ގޮސްފިނަމަ ދަތުރު ކާމިޔާބު ނުވެދާނެތީއެވެ.

އަހަރެންގެ ދަތުރު
އަހަރެންވަށައިގެން ހޯދާ ބެލީމެވެ. ހަމަ އަހަރެންފަދަ ކިތައްމެ ބޮއްކެތް ވަށައިގެން އެބަ ދަތުރު ކުރެއެވެ. ބައެއް އެއްޗިހި މައްޗަށް އަރާލުމާއި އެކު ފަޅައިގެން ދެއެވެ. އަނެއްބައި އެއްޗިހި ހަމަ އަހަންނާއި އެކު އާދެއެވެ. ދުރުންބަލާލާއިރު މައްޗަށް އުލިފައިވާ ލޯތަކެއްހެން ފެނުމުން އެއީ އަހަރެންގެ ހިމާޔަތް ކަމުގައިވެސް ހިތަށް އަރައެވެ. އެއިން ކޮންމެ އެއްޗެއްގެ ވެސް ހަމަ އަހަރެންފަދައިން ތަފާތު ވާހަކައެއް އޮންނާނެއެވެ. ތަފާތު ތަޖްރިބާތަކެއް ކޮށް އަމިއްލަ މަންޒިލަށް ދަތުރު ކުރަނީ އެވެ. ބައެއް އެއްޗިހި ފެންނަ ފެނުމަށް ވަރަށް ހުށިޔާރެވެ. އަނެއް ބައި އެއްޗިހިން ފެންނަނީ މާޔޫސް ކަމާއި ހިތާމައިގެ ކުލަވަރެވެ. މި ހުރިހާ ފެންބޮކިތަކާއި އެކު ދަތުރުކުރަން ފެއްޓުމުން އަހަރެންގެ އަމިއްލަ ނަފްސަށް ހިތްހަމަ ޖެހުން ލިބުނެވެ. އައިސްދާނެ ބަދަލަކަށް ، ކުރިމަތިވެދާނެ ކަމަކަށް ހިތް ނުތަވަސްވި ކަމުގައިވިޔަސް އަދި ދަތުރުގެ މިހާތަނަށް އާދެވުނު އިރު ވަރަށް އަމާނެވެ.

ކުއްލިއަކަށް ވައިބާރުވެ އޮއި ގަދަވެއްޖެއެވެ. ވަޔާއި އެކު ކުނިބުނިތައް ވެސް އެނބުރެމުން އެނބުރެމުން އެބަ އާދެއެވެ. އައި ތޫފާނުގައި އަހަރެންގެ ފަހަތުގައިވި ހުރިހާ ފެންބޮކިތައް އެކި ދިމަ ދިމާލަށް ގޮސް ވައިގެ ތެރެއަށް ފަޅައިގެން ގޮސްފިއެވެ. އަލްޙަމްދުﷲ އެވެ. މިފަހަރުގެ ތޫފާނުގައި އަހަރެން ސަލާމަތްވެއްޖެއެވެ. އަހަންނަކަށްވެސް އަހަރެންސަލާމަތްވި ގޮތެއް ނޭގުނެވެ. މާތް ﷲގެ ކުޅަދުންވަންތަކަމެވެ.

އެކި މަންޒިލް ތަކަށް ދަތުރު ކުރަމުން ދިޔަ ދަތުރުގެ ބައިވެރިން ވައިގެ ތެރެއަށް ނިމިދިޔަ މަންޒަރުން ވެސް އަހަރެންގެ ޢަޒުމަކަށް ބަދަލެއްނާދެއެވެ. ކެތްތެރިވުން ފިޔަވައި އިތުރު އެއްވެސް ޢަމަލެއް ނެތެވެ. ކުރެވޭނެ ކަމެއްވެސް ކުރާނެ ކަމެއްވެސް ނެތެވެ. ހަމަ އޮތްހާ ވެސް ކަމަކީ ކެތްކުރުމެވެ. ޢަމަލުގައި ކެތްތެރިވެ ކުރިއަށް ދިޔައިމެވެ. ކުރިމަތިން ފެނުނު މަންޒަރުން މިފަހަރު އަހަރެންގެ ނިމުން ވެސް ގާތް ވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ. ބޮޑު ބިޔަ ގަހެއްގެ މޫތައް މުޅި ހިސާބަށް ފެތުރި ފައިވާ ހިސާބަކަށް އާދެވިއްޖެއެވެ. މުޅިހިސާބުގައި ވަނީ ގަހުގެ ފަތްތަކާއި ކޯޅިތަކުން ފުރިފައެވެ. ވެއްޓޭ ނުވެއްޓޭ ހިސާބެއްގައި އެލިފައިވާ ކޯޅިގަނޑެއްގައިވި ފަތެއް އަހަންނަށް ގޮވާލިއެވެ. ކައިރިއަށް އައުމަށް އިޝާރަތް ކުރިއެވެ. އަހެރެން މަޑުމަޑުން އެފަތާއި ގާތްވެ ލީމެވެ.

ފަތް : މި ދަތުރުގައި ވަރަށް ބިރުގަތްތަ؟

ޖަންގަލީގެ ލޯ: އާނ، ވަރަށް ބިރުގަތް

ފަތް: ކޮންކަމަކާ ބިރުގަތީ ؟

ޖަންގަލީގެ ލޯ: އަހަރެން ބިރުގަތީ ކޯރުގެ ފެންތަކުގެ ބާރު މިނަށް. އެކަމަކު އެއިގެން ނެގި ކުދި ކުދި ބާނިތަކުގެ އެހީގައި އަހަރެން މިހާހިސާބަށް މި ގެނެސްދިނީ. އެހެން ނޫންނަމަ އަހަރެން މި އެއްވެސް އެއްޗަކަށް ނުވާނެ. އަހަންނަކީ އެތެރޭގައި އެއްވެސް އެއްޗެއްނެތް ވައިގެ ހުސް ކޮތަޅެއް. އަހަރެންގެ ދުވަސް ދުއްވާލުމަށް މާގިނަ ވަގުތު ތަކެއް މާ ބުރަ މަސައްކަތް ތަކެއް ވެސް ކުރާކަށް ނުޖެހޭނެ.

ފަތް: އަޑުއަހާ ! ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ވަރުގަދަ ޢަޒުމަކާއި ހިތްވަރެއް. ކިތައްމެ ބައިވަރު ނުރައްކާތަކެއް ހުރިކަމުގައި ވިޔަސް މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދު ކޮށް ، ޝުކުރު ކޮށް އެކަމެއް ފެއްޓުމުން އެކަމުގައި ހިތްވަރު ލިބޭނެ. ކިތައްމެ ނިކަމެތި ބަލިކަށި އެއްޗެއް ކަމުގައި ވިނަމަވެސް ހިތްވަރު ކޮށްފިނަމަ އެންމެ ވަރުގަދަ އެއްޗަކާއި ހަމަހަމަ ވާނެ. ކާމިޔާބު ދެއްވަނީ އެކަމަށް ގަދައަޅައި މަސައްކަތް ކުރާ މީހުންނަށް.
ވާހަކަ މިހިސާބަށް ދިޔަތަނާ ފިނި ފިނި ވައި ރޯޅި އެއް ޖެހުނެވެ. އަދި އެ ވައި ރޯޅީގައި ފަތުގެ ކޮޅުން ޖަންގަލީގެ ލޮލުގައި ޖެހި ފަޅައިގެން ދިޔަ އެވެ.

ވާހަކައިން ހާސިލް ކުރަންވީ ޢިބްރަތް: ކޮންމެ ކަމެއްގައިވެސް ގަދައަޅައި މަސައްކަތްކުރާކުދިންނަށް ކާމިޔާބު ލިބޭނެކަމެވެ. ސްކޫލްގައި ކިޔަވާ އިރު އަބަދުވެސް ވަނަތައްލިބޭނީ އެއް ކުއްޖަކަށް ކަމަށް ހީނުކޮށް، ކޮންމެ ކުއްޖަކުވެސް ގަދައަޅައި ހިތްވަރާއި އެކު މަސައްކަތް ކުރާކަމުގައިވާނަމަ ރަން ވަނަތައް ލިބޭނެކަމެވެ. ކޮންމެ ކުއްޖަކީވެސް މޮޅު ކުއްޖަކަށް ވެވޭނެކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ލޯކައިރި ކަޅުވުމުން ސަލާމަތް ކުރެވިދާނެ ބައެއްގޮތްތައް

Next Article

ޔޫރިން އިންފެކްޝަން؛ އަންހެނުންގެ އެންމެ ބޮޑު މައްސަލަ

Related Posts